އަސާސީ ޕެންޝަނަކީ ޢުމުރުން 65 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ފޯރުކޮށްދެވޭ ޕެންޝަނެކެވެ. އަސާސީ ޕެންޝަން ސްކީމުގެ އަމާޒަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ އަދި އަދާކުރިވަޒީފާ މެދުވެރިކޮށް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާވި ފައިސާއިން އެކަށޭނަ ރިޓަޔަރމަންޓް ޕެންޝަނެއް ނުލިބޭ ދިވެހިންނަށް ޢުމުރުން 65 އަހަރުވުމުން އަސާސީ ބޭނުންތައް ފުދޭވަރުގެ ޕެންޝަނެއް ދިނުމެވެ.
ޕެންޝަން ލިބުމަށް ހަމަވާންޖެހޭ ޝަރުތުތައް
- ދިވެހި ރައްޔިތެއް ކަމުގައި ވުން
- މީލާދީ ގޮތުން ޢުމުރުން 65 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން
- ދިވެހިރާއްޖޭގައި ދިރިއުޅޭ މީހަކު ކަމުގައިވުން
- ދައުލަތުގެ ޚަރަދުގައި ފުލްޓައިމްކޮށް ބަލަހައްޓަމުން ގެންދާ ނުވަތަ ކުށެއްސާބިތުވުމުގެ ސަބަބުން ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހެއްކަމުގައި ނުވުން
- މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން އަސާސީ ޕެންޝަންގެ ދެގުނައަށްވުރެ ބޮޑު ޢަދަދެއް (10000 ރ) ލިބޭ މީހެއް ކަމުގައިނުވުން
- ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދެވޭ ޕެންޝަނެއްގެ ގޮތުގައި 5000 ރ އަށްވުރެ ބޮޑު އަދަދެއް ލިބޭ މީހަކު ކަމުގައި ނުވުން
ޕެންޝަނަށް އެދި ހުށަހެޅުން
އަސާސީ ޕެންޝަން ފޯރުކޮށްދެވޭނީ އެޕެންޝަނަށް އެދި ހުށަހަޅުމުންނެވެ. މީލާދީ ގޮތުން އުމުރުން 65 އަހަރު ފުރުމުގެ 6 މަސް ކުރިން، ނުވަތަ އޭގެފަހުގެ ކޮންމެ ތާރީޚެއްގައި ވެސް އަސާސީ ޕެންޝަނަށް އެދެވިދާނެއެވެ.
ޕެންޝަނަށް އެދޭނީ މެންބަރސް ޕޯރޓަލް (https://members.pension.gov.mv) މެދުވެރިކޮށް ނުވަތަ 'ޕެންޝަނަށް އެދޭ ފޯމު' (https://pension.gov.mv/forms) ފުރިހަމަކޮށް، ޕެންޝަން އޮފީހަށް ހުށަހަޅައި ގެންނެވެ. މި ފޯމު އީމެއިލް ([email protected]) ނުވަތަ ލޯކަލް ކައުންސިލްތަކުގެ އިދާރާތައް މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. ޕެންޝަން ފޯރުކޮށްދޭން ފަށާނީ ޕެންޝަނަށް އެދި ފޯމު ހުށަހަޅާ ތާރީޚުން ފެށިގެންނެވެ. ޕެންޝަން ލިބޭ އުމުރު ހަމަވުމަށްފަހު ފޯމު ހުށަހަޅާ ފަރާތްތަކަށް ، ޕެންޝަން ނުލިބި ފާއިތުވި މަސްތަކުގެ ތެރެއިން 12 މަސްދުވަހުގެ ޕެންޝަން ފޯރުކޮށްދިނުން ވަނީ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ދިނުމުގެ ޤަވާއިދު" އަށް ގެނެވުނު އެއްވަނަ އިސްލާހުގެ ދަށުން ޖަނަވަރީ 2015 އިން ފެށިގެން ހުއްޓާލެވިފައެވެ.
އަސާސީ ޕެންޝަނުގެ ގޮތުގައި ލިބޭ ޢަދަދު
އަސާސީ ޕެންޝަނުގެ ގޮތުގައި ކޮންމެ މީހަކަށްވެސް ދެވޭނީ ޕެންޝަނާބެހޭ ޤާނޫނުގައި ވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ ޢަދަދެކެވެ. މި ޢަދަދު، ދިރިއުޅުމުގެ ޚަރަދުތައް މައްޗަށްދާ މިންވަރަށް ނިސްބަތްކޮށް ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައް ބަލަހައްޓާ މިނިސްޓްރީން މުރާޖަޢާކުރާނެއެވެ. އަދި ދިރިއުޅުމުގެ ޚަރަދު ޖުމްލަ %5 (ފަހެއް އިންސައްތަ) އަށްވުރެ މަތިވެއްޖެ ނަމަ އެއިތުރުވާ މިންވަރުގެ ނިސްބަތަށް ބަލައި އަސާސީ ޕެންޝަންގެ އަދަދު އިސްލާޙު ކުރެވޭނެއެވެ.
2019 މާރިޗުން ފެށިގެން އަސާސީ ޕެންޝަންގެ ގޮތުގައި ދެވޭ އަދަދަކީ މަހަކު 5000 ރުފިޔާއެވެ. އަސާސީ ޕެންޝަން ސްކީމު ފިޔަވައި އެހެން ޕެންޝަން ސްކީމުތަކުން ޕެންޝަން ލިބޭ މީހެއްނަމަ ޕެންޝަނުގެ ގޮތުގައި ލިބޭ އަދަދަށް ބިނާކޮށް އަސާސީ ޕެންޝަނުގެ ގޮތުގައި ފޯރުކޮށްދެވޭ އަދަދަށް ބަދަލުގެނެވޭނެއެވެ.
ޕެންޝަން ކަލްކިއުލޭޓަރ: https://members.pension.gov.mv/members/tools/calculator
ޕެންޝަންގެ ގޮތުގައި ލިބެންޖެހޭ ޢަދަދަށް ވުރެ އިތުރަށް ނުވަތަ މަދުން ފައިސަ ޖަމާކުރެވުން
ޕެންޝަންގެ ގޮތުގައި ލިބެންޖެހޭ އަދަދަށްވުރެ އިތުރަށް ޕެންޝަނަރުގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރެވިއްޖެނަމަ އިތުރަށް ޖަމާކުރެވުނު ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ދައްކަން ވާނެއެވެ.
އަދި ޕެންޝަންގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހަމަޔަށް އެއްވެސް މަހެއްގައި ޖަމާކޮށް ނުދެވި ވާނަމަ ވިދިގެން އަންނަ މަހުގެ ޕެންޝަން ފައިސާއާ އެކު އެފައިސާ ޕެންޝަނަރުގެ ބެންކު އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ. މިގޮތަށް ފައިސާ ޖަމާކޮށްދީފައި ނުވާނަމަ ޕެންޝަން ލިބޭ ފަރާތުން އެކަން ޕެންޝަން އޮފީހަށް ހުށަހަޅަން ވާނެއެވެ.
ޕެންޝަނަރަކު ނިޔާވުން
- ޕެންޝަން ލިބޭ ފަރާތެއް ނިޔާވެއްޖެކަމުގެ މައުލޫމާތު ޕެންޝަން އޮފީހަށް ލިބޭ މަހުން ފެށިގެން އެމީހެއްގެ ބެންކު އެކައުންޓަށް ފައިސާ ޖަމާކުރުން ހުއްޓާލެވޭނެއެވެ.
- އެމަހެއްގެ ޕެންޝަން ފައިސާ ބެންކުއެކައުންޓަށް ޖަމާކުރުމުގެ ކުރިން ޕެންޝަނަރު ނިޔާވެއްޖެ ނަމަ ނިޔާވިމަހުގެ ޕެންޝަން ފައިސާ ހޯދުމަށް ޕެންޝަނަރުގެ ވާރިސުންނަށް ކޯޓަށް ހުށަހެޅިދާނެއެވެ.
- ޕެންޝަނަރު ނިޔާވުމުން މަރު ސާބިތުކުރިކަން އަނގައިދޭ ލިޔުމުގެ ކޮޕީއެއް ޕެންޝަނަރުގެ އާއިލާގެ ފަރާތުން ޕެންޝަން އޮފީހަށް ހުށަހަޅަންވާނެއެވެ.
- ޕެންޝަނަރު ނިޔާވިކަން ޕެންޝަން އޮފީހަށް ނާންގައި އޮތުމުގެ ސަބަބުން ޕެންޝަނަރުގެ ބެންކުއެކައުންޓަށް އިތުރަށް ފައިސާ ޖަމާކުރެވިއްޖެ ނަމަ އެފައިސާ އަނބުރާ ޕެންޝަން އޮފީހަށް ދައްކަންވާނެއެވެ.
މައްސަލަ ހުށަހެޅުން
- އަސާސީ ޕެންޝަނާ ބެހޭގޮތުން އެއްވެސް މައްސަލައެއް ހުށަހަޅާނަމަ އެންމެ ފުރަތަމަ ޕެންޝަން އޮފީހުގެ ނަންބަރު 1441 އަށް ގުޅައި މައްސަލަ ހުށަހެޅި ދާނެއެވެ.
- މައްސަލަ ހުށަހަޅާތާ ރަސްމީ 3 ދުވަސް ތެރޭ މައްސަލަ ހައްލު ނުކުރެވޭ ނަމަ މައްސަލަ ހުށަހަޅާ ފޯމު މެދުވެރިކޮށް ލިޔުމުން މައްސަލަ ހުށަހަޅަން ވާނެއެވެ.
އަސާސީ ޕެންޝަނުގެ ގޮތުގައި ދެވޭ ޢަދަދަށް ބަދަލު ގެނެވޭ ޙާލަތްތައް
- މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން އަސާސީ ޕެންޝަނުގެ 2 ގުނަ (10000 ރ) އަށްވުރެ ބޮޑު އަދަދެއް ލިބޭފަރާތަކަށް އަސާސީ ޕެންޝަން ނުލިބޭނެއެވެ.
- ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދެވޭ ޕެންޝަނެއްގެ ގޮތުގައި 5000 ރ އަށްވުރެ ބޮޑު އަދަދެއް ލިބޭ މީހެއް ނަމަ އަސާސީ ޕެންޝަނެއް ނުލިބޭނެއެވެ.
- މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން 10000 ރ އަށްވުރެ ކުޑައަދަދެއް ލިބޭ މީހެއްނަމަ އެލިބޭ އަދަދު %50 އަށްވާ އަދަދު އަސާސީ ޕެންޝަނުން އުނިކުރެވޭނެއެވެ.
- ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދެވޭ ޕެންޝަނެއްގެ ގޮތުގައި 5000 ރ އަށް ވުރެ ކުޑައަދަދެއް ލިބޭ މީހެއްނަމަ އަސާސީ ޕެންޝަނުގެ ގޮތުގައި ފޯރުކޮށްދެވޭނީ 5000 ރ ހަމަކުރުމަށް ބޭނުންވާ އަދަދެކެވެ.
- ޕެންޝަން އޮފީސް މެދުވެރިކޮށް ދެވޭ ދައުލަތުގެ ޕެންޝަނެއް / އެލަވަންސެއްގެ ގޮތުގައި ލިބެންޖެހޭ އަދަދަށްވުރެ އިތުރަށް ފައިސާ ދެވިއްޖެނަމަ، ދޭންޖެހޭ އަދަދަށްވުރެ އިތުރަށް ދެވިފައިވާ ފައިސާ ކުރިޔަށް އޮތް މަސްތަކުގައި އެމީހަކަށް ލިބެންޖެހޭ އަސާސީ ޕެންޝަނުން އުނިކުރެވޭނެއެވެ.
އަސާސީ ޕެންޝަނުގެ ގޮތުގައި މީހަކަށް ދެވޭ މިންވަރު ކަނޑައެޅުމުގައި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދެވޭ ޕެންޝަނަށް ރިޢާޔަތް ކުރަންޖެހޭ ހާލަތްތަކުގައި އެފަދަ ޕެންޝަންތަކުގެ ގެގޮތުގައި ބެލެވޭ ޕެންޝަންތައް:
- 20 އަހަރު، 40 އަހަރު ނުވަތަ 60 އަހަރުގެ ޚިދުމަތުގެ ޕެންޝަން
- 55 ނުވަތަ 65 އަހަރުވުމުން ރިޓަޔަރ ކުރާ ފަރާތްތަކަށްދެވޭ ރިޓަޔަރމަންޓް އިނާޔަތްތައް
- ރިޑަންޑަންސީގެ ދަށުން ވަޒީފާއިން ވަކިކުރެވޭ ފަރާތްތަކުގެ ތެރެއިން އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންނަށް ދެވޭ އިނާޔަތްތައް
- އެކިޤާނޫނުތަކުގެ (ޕެންޝަނާބެހޭ ޤާނޫނު ފިޔަވައި) ދަށުން މުސްކުޅިކުރެވޭ/ރިޓަޔަރކުރެވޭ ފަރާތްތަކަށް ދެވޭ ޕެންޝަން/އިނާޔަތްތައް