ޕެންޝަން އޮފީހުން ހުޅުމާލޭގައި އޮފީސް އިމާރާތެއް ހެދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

15 ޑިސެމްބަރު 2022

ޕެންޝަން އޮފީހުން ހުޅުމާލޭގައި އޮފީސް އިމާރާތެއް ހެދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއެކު އެއްބަސްވުމެއްގައި މިއަދު (15 ޑިސެންބަރު 2022) ސޮއިކޮށްފިއެވެ. އެޗް.ޑީ.ސީގައި ބޭއްވި ބައްދަލުވުމެއްގައި ޕެންޝަން އޮފީހުގެ ފަރާތުން މިއެގްރީމަންޓްގައި ސޮއިކުރެއްވީ ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފީސަރ ސުޖާތާ ހަލީމެވެ. އެޗް.ޑީ.ސީގެ ފަރާތުން ސޮއި ކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފެވެ.

މިއިމާރާތަކީ އޮފީސްތަކުގެ ޖާގަ އަދި ކޮންފަރެންސް ހޯލާއި ޕާކިން ހިމެނޭހެން 10 ހާސް އަކަފޫޓުގެ ބިމެއްގައި، ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭ 10 ބުރީގެ ކޮމާޝަލް އޮފީސް އިމާރާތެކެވެ. މިއިމާރާތަށް ބޭނުންވާ އެންމެހާ ޚަރަދުތައް ކުރާނީ ޕެންޝަން އޮފީހުގެ ރިޒާވުންނެވެ. 

މިއިމާރާތް ހެދުމުގެ މަޤުޞަދަކީ ޕެންޝަން އޮފީހަށް އޮފީސް އިމާރާތެއް ހޯދުމުގެ އިތުރުން އާމްދަނީ ލިބޭނެ މަގުފަހިކޮށް، ޕެންޝަން އޮފީހާއި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް ހިންގުމުގެ ޚަރަދުތަކަށް ނަގާ އިދާރީ ފީ ކުޑަކުރުމަށް މަސައްކަތްކުރުމެވެ.