ޕެންޝަން އޮފީހުގެ ޚިދުމަތްތައް މިހާރު ގޭގައި ތިބެގެން ވެސް ހޯދޭނެ

11 މާރިޗު 2020

ޕެންޝަން އޮފީހުގެ ޚިދުމަތްތައް މިހާރު ގޭގައި ތިބެގެން ވެސް ހޯދޭނެ

 

ކޯވިޑް-19 އާއި ގުޅިގެން ޕެންޝަން އޮފީހުން ޚިދުމަތް ހޯދާ ފަރާތްތަކާއި އޮފީހުގެ މުވައްޒަފުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޕެންޝަން އޮފީހުގެ ޚިދުމަތްތައް ފޯނުން ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ހޯދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. 

 

މިގޮތުން ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ ތެރޭގައި ޚިދުމަތް ހޯދާ ފަރާތުން މައުލޫމާތާއި އެހީތެރިކަން ހޯދުމަށް އަދި ފޯމާއި ލިޔެކިޔުން ހުށަހެޅުމަށް ޕެންޝަން އޮފީހަށް ދިއުމުގެ ބަދަލުގައި މިކަންކަމަށް ބޭނުންކުރާނެ އެކި ވަސީލަތްތައް ވަނީ ކަނޑައަޅާފައެވެ.  

 

އެގޮތުން މައުލޫމާތާއި އެހީތެރިކަން ހޯދުމަށް ކަނޑައެޅިފައިވާ ވަސީލަތްތަކަކީ:

- ކޮންޓެކްޓް ސެންޓަރގެ ނަންބަރު 1441

- މޯބައިލް އެޕް އަދި ވެބްސައިޓުގައިވާ ލައިވް ޗެޓް https://pension.gov.mv

- ފޭސްބުކް އަދި ޓުވިޓާ pensionoffice/

- ވައިބާ ނަންބަރު 7331441

 

ފޯމާއި ލިޔެކިޔުންތައް ފޮނުވުމަށް ހަމަޖެހިފައިވަނީ [email protected] އަށް ނުވަތަ ޕެންޝަން އޮފީހުގެ ވައިބާ ނަންބަރު 7331441 އަށް އަށެވެ. މިނޫން ޚިދުމަތްތައް ދެމުން ގެންދާނީ ކުރިންވެސް ޚިދުމަތް ދެމުން ގެންދިޔަ ގޮތަށް ޕެންޝަން އޮފީހުގެ އޮންލައިން ސިސްޓަމްތައް މެދުވެރިކޮށެވެ. 

 

މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން ސަރުކާރު ބަންދުނޫން ދުވަސްތަކުގައި ހެނދުނު 8 އިން ހަވީރު 4 އަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ފޯމާއި ލިޔެކިޔުން ކޮންމެ ގަޑިއެއްގައިވެސް ހުށަހެޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. 

 

ޕެންޝަން އޮފީހަކީ އެއޮފީހުގެ ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ފޯރުކޮށްދެމުން ދިއުމުގެ އިތުރުން 2018 ވަނަ އަހަރު އޮފީހުގެ އައިޓީ އިންފްރާ ސްޓަރަކްޗަރ ގޫގޫލް ކަލައުޑަށް ބަދަލުކޮށް ދިމާވާ މިފަދަ ހާލަތްތަކުގައި އޮފީހުގެ އޮޕަރޭޝަނަށް ބަދަލުގެނެސް ޚިދުމަތްތައް މެދުނުކެނޑި ކުރިޔަށް ގެންދިއުމުގެ ޤާބިލުކަން ލިބިފައިވާ އޮފީހެކެވެ. ދާދި ފަހުން އެއޮފީހުން ވަނީ ISO/IEC 27001:2013 ގެ މިންގަނޑަށް ޑޭޓާ މެނޭޖުކޮށް ސެކިއުރިޓީ ބަލަހައްޓާ އޮފީހެއްގެ ގޮތުގައި ސެޓިފައިވި ރާއްޖޭގެ ފުރަތަމަ މުވައްސަސާއަށްވެސް ވެފައެވެ.